ރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

ޖަލްސާ ބޭއްވުނު ތާރީޚު

31 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ރާއްޖޭގައި ޓެކްސީކުރުމުގެ ޚިދްމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލެއްވުން. އަދި މި ދަފުތަރު އެކުލަވައިލައްވާއިރު ތިރީގައިވާ ކަންކަން ކުރިއަށް ގެންދެވުން.

މި ދަފުތަރު އެކުލަވައިލާއިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމުކުރެއްވުމަށާއި، ބޭންކުތަކާ މަޝްވަރާކުރައްވައިގެން މިފަދަ ނިޒާމެއްގެ ދަށުން ބޭންކުން ނަގާ ނިސްބަތް އުވާލައިގެން މިކަން ކުރެއްވޭނެގޮތެއް ހަމަޖެއްސުން.

ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޭޝް ޕޭމަންޓް ހަދާ ފަރާތްތަކުން ހަދާ ޕޭމަންޓްތަކަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ރެކޯޑްކުރެވޭ މުޢާމަލާތެއްކަމުގައި ހަމަޖެއްސުން.

ދުނިޔޭގެ ތަރައްގީވެފައިވާ ޤައުމުތަކުގައި ޓެކްސީގެ ޚިދުމަތްދޭ ފެންވަރަށް ރާއްޖޭގައި ފޯރުކޮށްދޭ ޓެކްސީގެ ޚިދުމަތް ތަރައްގީކުރުމަކީ ދިގު ރާސްތާގައި ހާސިލުކުރުމަށް ބޭނުންވާ ކަމަކަށްވާތީ، މިކަން ހާސިލުކުރުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރުން. މިގޮތަށް މި މަސައްކަތް ކުރިއަށް ގެންދާއިރު، އެއް ފެންވަރެއްގެ ވެހިކަލްތަކެއް ތަޢާރުފުކޮށް، އެ ވެހިކަލްތައް ވަކި ޑިޒައިނަކަށް ހެދުމާއި، ރަސްމާލެއަށް ޚާއްޞަކުރެވިގެން ތިމާވެށްޓާ ރައްޓެހި ވެހިކަލްތަކަކަށް ހެދުމާއި، އެއާ ގުޅުވާލައިގެން މާލެ ސަރަހައްދަށް އެ ކަން ފުޅާކުރެވޭގޮތަށް މި ޚިދްމަތް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

މި މަސައްކަތްތަކުގެ ތެރޭގައި، ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކާއި، އެފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވައިލުން.

މީގެ އިތުރުން މި އިންވެސްޓްމަންޓާ ގުޅޭ ކަންތައްތައް ސަރުކާރުގެ ކުންފުންޏަކުން ހަވާލުވާގޮތަށް މިކަން ކުރިއަށް ގެންދެވޭނެ ނިޒާމެއް ރާވައިގެން ކުރިއަށް ގެންދިއުމަށްޓަކައި، އިކޮނޮމިކް ކައުންސިލުން މިކަން ކުރިއަށް ގެންދެވޭނެ ގޮތެއް ކަނޑައެޅުއްވުން.

މަތީގައި ދަންނަވާފައިވާގޮތަށް ދިގު ރާސްތާގައި ހާސިލުކުރުމަށް ބޭނުންވާ ކަންކަން ނިންމުމަށް، ވަކި ޓައިމްލައިނެއް ކަނޑައަޅައި، 2024 ވަނަ އަހަރުގެ މެދު ތެރޭގައި ނުވަތަ 2024 ވަނަ އަހަރު ނިމުމުގެ ކުރިން، މިކަންކަން ކުރެވޭނެގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާ ގުޅިގެން އިކޮނޮމިކް ކައުންސިލުން މަސައްކަތްތައް ކުރައްވައި، ވަށާޖެހޭގޮތަށް މިކަން ކުރިއަށް ގެންގޮސް ނިންމުން.