އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހެލްތް

ޖަލްސާ ބޭއްވުނު ތާރީޚު

31 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ޚާއްޞަ ސިޔާސަތެއް އެކަށައެޅުމާ ގުޅޭ ކަންކަން ތިރީގައިވާގޮތަށް ކުރިއަށް ގެންދެވުން.

އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައި އަދި ޚިދުމަތަށް އަލަށް ވަނުމަށް ބޭނުންވާ ނަރުހުންނާއި އެހެނިހެން ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން މިހާރުން މިހާރަށް ވަޒީފާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ދެއްވުމުގެ ގޮތުން، ބަޖެޓުގައި ހިމެނިފައިވާ އިދާރީ އޮނިގަނޑުގެ ތެރޭގައި އެފަރާތްތަކަށް އަދާކުރެއްވޭނެ މަގާމެއް އޮތްނަމަ، މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސެވުމުގެ އާންމު އުސޫލުގެ ދަށުން މިކަން ކުރެއްވުމުގެ ބަދަލުގައި، ޚާއްޞަ ސްކީމެއްގެ ދަށުން، ޞިއްޙީ ދާއިރާއަށް ޚާއްޞަ އަވަސް ރެކްރޫމަންޓް ޕްރޮސެސްއެއްގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖައްސައި ދިނުން.

8 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކަށް، އެފަރާތްތަކުން މަސައްކަތްކުރާ ވަގުތަށް ރިޢާޔަތްކޮށް، ދެއްވާނެ އުޖޫރައެއް ކަނޑައަޅުއްވައި، ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ތެރެއިން އެފަރާތްތަކަށް އެގޮތަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިނުން.

55 އަހަރުވެފައިވާ ނުވަތަ ރިޓަޔަރވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އަނބުރާ ނުކުންނަން ބޭނުންވާ ފަރާތަކީ، ޚިދްމަތުން ދުރުވެފައިވާ ޞިއްޙީ ޚިދްމަތްތެރިން ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަށް ނެގުމުގެ ފުރުޞަތު ދެވޭގޮތަށް ހަމަޖެއްސުން.

ޞިއްޙީ ދާއިރާގެ އިތުރުން، އެހެން ދާއިރާތަކުގައިވެސް އެކިއެކި ސަބަބުތަކަށްޓަކައި ޚިދްމަތުން ދުރުވެފައިވާ ފަރާތްތަކެއް ތިބޭނެތީ، އެގޮތަށް ޚިދްމަތުން ދުރުވެފައިވާ ފަރާތްތައް ތިބޭނެކަމަށް ބެލެވޭ ދާއިރާތަކާއި، މިކަމާގުޅޭ އެހެން ފަރާތްތަކާ މަޝްވަރާކުރައްވައި، ކޮމިއުނިޓީ ކޮންސަލްޓޭޝަނަށްފަހު، މިކަމުގައި ކުރިއަށް ދިއުމަށް ފެނިވަޑައިގަންނަވާގޮތްތަކާއެކު، ހަފްތާ 14 ނިމުމުގެ ކުރިން އަލުން މި މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިސީ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުން.