ރާއްޖޭގައި ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ހެދުމުގެ ނިޒާމު އިޞްލާޙުކޮށް ހަރުދަނާކުރުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހެލްތް

ޖަލްސާ ބޭއްވުނު ތާރީޚު

24 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ދިވެހިރާއްޖެއަކީ ގައިންގަޔަށް އަރާ އާންމު ގިނަ ބަލިތައް ކޮންޓްރޯލްކުރެވިފައި ނުވަތަ ނައްތާލެވިފައިވާ ޤައުމަކަށްވުމާއެކު، މިފަދަ ބަލިތައް އަލުން ފެތުރި އާލާވުމުގެ ފުރުސަތު ކުޑަކޮށް، މުޅި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަމަށްޓަކައި، ރާއްޖޭގައި މަސައްކަތް ކުރާ އަދި ދިގު މުއްދަތަށް ދިރިއުޅޭ ބިދޭސީން ހަދަންޖެހޭ މެޑިކަލް ޗެކްއަޕް ހެދުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ތިރީގައިވާ ކަންތައްތައް ހިމެނޭގޮތަށް މިހާރު ޢަމަލުކުރަމުންދާ އުސޫލުތައް އިޞްލާޙްކުރެއްވުން.

1. (ހ) ރާއްޖެއަށް ދިގު މުއްދަތަށް (ޑިޕެންޑެންޓް ވިސާ، ވަރކް ވިސާ، ރެސިޑެންޓް ވިސާ، ސްޓުޑެންޓް ވިސާ، ކޯޕަރޭޓް ރެސިޑެންޓް ވިސާގައި) އަންނަ ހުރިހާ ބިދޭސީން ރާއްޖެ އަންނައިރު (އޮން-އެރައިވަލް) އަދި އަހަރަކު އެއްފަހަރު މެޑިކަލް ޗެކްއަޕް ހެދުން. މީގެ އިތުރުން، މެރިޖް ވިސާއަށް އަލަށް ހުށަހަޅާއިރު މެޑިކަލް ޗެކްއަޕް ހެދުން.

(ށ) ރާއްޖެ އައުމަށްފަހު ހަދަންޖެހޭ މެޑިކަލް ޗެކްއަޕް ހެދުމަށް ދީފައިވާ މުއްދަތު، 30 ދުވަހުން 15 ދުވަހަށް ކުރުކުރުން. އަދި މި މުއްދަތުގައި މި ޗެކްއަޕް ނުހެދިއްޖެނަމަ، އިތުރު 30 ދުވަހުގެ ތެރޭގައި ޖޫރިމަނާއާއެކު މެޑިކަލް ޗެކްއަޕް ހެދުން.

(ނ) އެންޑެމިކް ސަރަޙައްދުތަކުން އަންނަ ފަރާތްތަކުގެ ތެރެއިން، ބިޒްނަސް ވިސާގައި ތިބޭ ފަރާތްތަކުން ވިސާ އެކްސްޓެންޑް ކުރާނަމަ، ވިސާ އާކުރުމުގެ ކުރިން މެޑިކަލް ޗެކްއަޕް ހެދުން.

2. މިހާރު މެޑިކަލް ޗެކްއަޕްގައި ހިމެނޭ ޓެސްޓްތަކުގެ ތެރެއަށް، އެވަގުތެއްގެ ޙާލަތަށް ރިޢާޔަތްކޮށް މިނިސްޓްރީ އޮފް ހެލްތަށް ފެނިވަޑައިގަންނަވާ ޓެސްޓްތައް އިތުރުކުރުން. މިގޮތުން އާންމުކޮށް އުޅޭ ނުވަތަ 'އެންޑެމިކް' ތަންތަނުން އަންނަ މީހުންގެ މެޑިކަލް ޗެކްއަޕްގައި އެންޓިޖެން ޓެސްޓް ހިމެނުން. އަދި ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދިނުން.

3. މެޑިކަލް ޗެކަޕްގައި ޓެސްޓް ކުރާ ބަލިތަކަށް އެންޑެމިކް ތަންތަނުން، 1ގެ (ހ)ގައި ބަޔާންކޮށްފައިވާ ވިސާގެ ބާވަތެއްގައި ރާއްޖެ އަންނަ މީހުން، އައުމުގެ ކުރިން ޕްރީ-އެރައިވަލް މެޑިކަލް ޗެކަޕެއް ހެދުން. މިގޮތުން މެޑިކަލް ޗެކަޕް ހަދާނީ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާ މިންގަނޑުތަކަކަށް، އަދި ކަނޑައަޅާ ތަންތަނުން ކަމަށް.

4. މަތީގައި ބަޔާންކޮށްފައިވާ ވިސާއެއްގައި މިވަގުތު ރާއްޖޭގައި ތިބި މީހުންގެ ތެރެއިން، ވޭތުވެދިޔަ 1 އަހަރު ރާއްޖޭގައި މެޑިކަލް ޗެކަޕް ހަދާފައިނުވާ ފަރާތްތަކުން، 6 މަސްދުވަހުގެ ތެރޭގައި މެޑިކަލް ޗެކްއަޕް ހެދުން.

5. ރާއްޖޭގައި ގަވާއިދާ ޚިލާފަށް މިވަގުތު ތިބި ބިދޭސީން 'ރެގިއުލަރައިޒް' ކުރުމުގެ މަރުހަލާގައި މެޑިކަލް ޗެކްއަޕް ހެދުން ލާޒިމުކުރުން.

'- މީގެ އިތުރުން ރަށްރަށް ސާފުކުރުމުގެ ޕްރޮގްރާމްތަކެއް، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިސްނަންގަވައިގެން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި ކައުންސިލްތަކާ ގުޅިގެން ހިންގުން.