ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގުފަހިކޮށްދިނުމާ ގުޅޭ

ހުށައެޅުއްވި ފަރާތް

މިނިސްޓަރ އޮފް ހެލްތް

ޖަލްސާ ބޭއްވުނު ތާރީޚު

10 ޑިސެމްބަރު 2023


ކެބިނެޓުގެ މި ނިންމުންތަކަށް ތިޔަބޭފުޅާގެ ހިޔާލު މުހިއްމު

ހިޔާލު ހުށައެޅުއްވުމަށް އީފާސް މެދުވެރިކޮށް ލޮގިން ވެލެއްވުމަށްފަހު ހިޔާލު ހުށައަޅުއްވާ.

ކަރުދާހާ ގުޅޭ ނިންމުންތައް

ތެލަސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރަށް، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެގޮތް މަގުފަހިކޮށްދެއްވުމުގެ ގޮތުން ތިރީގައިވާ ކަންކަން ހަމަޖެއްސެވުން.
• ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބަލްސް ފަސޭހައިން ލިބޭނެ އިންތިޒާމް އާސަންދަ އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) މެދުވެރިކޮށް ހަމަޖެއްސުމާއި އާސަންދައިގެ ދަށުން ޑީ.އެން.އޭ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުން.
• ތެލަސީމިއާ އާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށްޓަކައި، ކަމާބެހޭ މިނިސްޓްރީތަކާއި، އޮފީސްތައް އަދި އަމިއްލަ ޖަމާޢަތް/ޖަމްޢިއްޔާތައް ގުޅިގެން މުޅި ރާއްޖޭގައި ހޭލުންތެރިކުރުމުގެ ކެމްޕެއިނެއް ފެށުން.
• ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ހުރިހާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދައި ނިންމޭނެގޮތަކަށް ދުރު ރާސްތާގެ ޕްލޭން އެކުލަވައިލެއްވުން.
• ތެލެސީމިއާ ޕޭޝަންޓުން ހަދަންޖެހޭ "ޓީ 2 ސްޓާރ" ޓެސްޓުގެ ޚިދުމަތް ހުޅުމާލޭ ހޮސްޕިޓަލުގައި ފެށުމަށް ބޭނުންވާ -/700,000 (ހަތް ލައްކަ) ރުފިޔާ ބަޖެޓުގައި ހިމެނުން.
• ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާއަށް ޓެސްޓް ކުރުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅައި، ތެލަސީމިއާއަށް ޓެސްޓް ކުރުމުގެ ޕްރޮގްރާމްތަކެއް ސްކޫލްތަކުގައި ހިންގުން.
• ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚިދުމަތާއި، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްފަހު އެ ފަރާތްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި އަދި ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކުދިންނަށް ހިތްގައިމު ތަޖުރިބާއެއް ކުރެވޭނެފަދަ މާހައުލެއް ލިބިދެވޭނެފަދަ، ފެންވަރު ރަނގަޅު ސްޓޭޓް-އޮފް-ދަ-އާޓް ތެލަސީމިއާ ސެންޓަރެއް (އެކޮމޮޑޭޝަން ބްލޮކަކާއެކު) އެޅުމަށްޓަކައި، ކުރަންޖެހޭ ކަންކަން މިވަގުތުން ފަށައިގެން ކުރިއަށް ގެންދެވުން. އަދި މި ޢިމާރާތް އެޅުމަށް ބޭނުންވާ ބިން ހުޅުމާލެއިން ހަމަޖެއްސުން.
• މި މަޝްރޫޢަށް 25 މިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި، އެ ފައިސާ ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން.
• ތެލަސީމިއާ ކުދިންނަށް އެހީތެރިވުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ ކަންކަން، ޒަކާތު ފަންޑުންނާއި ބޭރުގެ އެކިއެކި ޖަމާޢަތް/ޖަމްޢިއްޔާތަކާ ގުޅިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކުރިއަށްގެންދިއުން.
• ސައިޕްރަސް އަކީ ތެލަސީމިއާ ކުދިން ނިސްބަތުން ގިނަ ޤައުމަކަށްވެފައި އެ ޤައުމުން އެކުދިންނަށް ދެމުންގެންދާ ފަރުވާއާގުޅޭ ތަޖުރިބާ ހިއްސާކުރުމުގެ ޝައުޤުވެރިކަން އެ ޤައުމުން ފާޅުކުރައްވާފައިވާތީ، މި ދާއިރާއިން އެ ޤައުމުގެ އެހީތެރިކަން ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން.
• ދިވެހި ސަރުކާރުން އިޓަލީވިލާތާއެކު ކުރިން ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) ގެ ކަންކަން މިހާރު ކުރިއަށްނުދާތީ، މިފަދަ އެމް.އޯ.ޔޫ އެއްގައި އަލުން އެ ޤައުމާއެކު ސޮއިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
• ކޮންމެ އަތޮޅެއްގައި ތެލަސީމިއާ ޓެސްޓް ހެދޭނެ އިންތިޒާމުތައް ހަމަޖެއްސުން.
• ރާއްޖޭގެ ޓަރޝަރީ ހޮސްޕިޓަލްތަކުގައި ބްލަޑް ބޭންކް ޤާއިމްކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
• 20 އަހަރުދުވަހުގެ ނޭޝަނަލް މާސްޓަރ ޕްލޭންގެ ތެރޭގައި، ރާއްޖެއިން ތެލަސީމިއާ ނައްތާލުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި އެ ލަނޑުދަނޑިތައް ހާސިލްވާނެގޮތަށް، ތެލަސީމިއާ މާސްޓަރ ޕްލޭނެއް އެކުލަވައިލުން.